ކީރިތި ޤުރުއާނަށް ލޯބިކުރާ، އަޚްލާޤީ ގޮތުން ރަނގަޅު މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި މާލެ ސިޓީގެ މިސްކިތްތަކުގައި ޤުރުއާން ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަން އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ކައުންސިލްގެ އިސްލާމިކް ކޮމިޓީއަށް ފޮނުވާފައެވެ.
މިކަން ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގައި ހުޅުމާލެ މެދުދާއިރާގެ ކައުންސިލަރު އަޙުމަދު ސަނީޙް ޙަނީފް ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.
ސަނީޙް ހުށަހެޅުއްވީ ހުޅުމާލެ ނެއިބަރހުޑް 1 ގައި ހުންނަ މަސްޖިދު ޢުމަރު ބިން އަލްޚައްޠާބުގެ މަތީ ފްލޯގައި ޤުރުއާން ކްލާހެއް ހިންގުމަށެވެ.
މިސްކިތްތައް ބީރައްޓެހިވުން ހުއްޓުވުމުގެ މާތް މަޤްޞަދުގައިކަން ފާހަގަ ކުރައްވަމުން ސަނީޙް ވިދާޅުވި ގޮތުގައި ހުޅުމާލެ މެދު ދާއިރާއަކީ ބޮޑު އާބާދީއެއް އޮތް ސަރަހައްދަކަށް ވާއިރު، ކުޑަކުދިންނަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް މިސްކިތްތަކުގެ މާހައުލުގައި މިފަދަ ފުރުޞަތުތައް އިތުރުކުރުން މުހިންމެވެ. އެގޮތުން މަސްޖިދު ޢުމަރު ބިން އަލްޚައްޠާބުގައި ދެ ޤުރުއާން މުދައްރިސުން ހަމަޖައްސައިގެން ކްލާސްތައް ހިންގުމަށް އޭނާ ހުށަހެޅުއްވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ޤުރުއާނަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ އިތުރުން، ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާނެ ޤާބިލް ކުދިން އުފެއްދުމެވެ. މި ހުށަހެޅުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މުޅި މާލެ ސިޓީއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މިކަން ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށެވެ.
"މިކަން ކުރެވިދާނެ. މި ކަން ކުރާން މިކަން ކުރެވޭ ފަދަ ޖާގަ ހުރި މިސްކިތްތައް އައިޑެންޓިފައި ކޮށްގެން. މީއީ ވަރަށް މުހިންމު ކަމެއް. މިސްކިތަށް ކުދިން އަހުލުވެރި ކުރުމަށް މިއީ ވަރަށް ރަނގަޅު ކަމެއް،" މޭޔަރު ވިދާޅުވިއެވެ.
ކުދިން ޤްރުއާން ކިޔެވުމަށް އަހުލުވެރި ކުރުމުގެ މާތް މަޤްޞަދުގައި މިހޜު ވެސް މާލެ ސިޓީ ކައުންސިލުން ކޮންމެ އަހަރަކު ދެ ޤުރުއާން މުބާރާތެއް ބާއްވަމުންދެއެވެ. އެއީ ކައުންސިލުން ބާއްވާ މުބާރާތަކާއި ޑަބްލިއުޑީސީގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިސްކިތްތަކުގައި ކްލާސްތައް ފެށުމުން މި މުބާރާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
