މާލެ ސިޓީގެ ރަސްފަންނު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކްސެސިބިލިޓީ ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫޢު އިތުރަށް ދިރާސާކުރުމަށް މާލެ ސިޓީ ކައުންސިލްގެ އާބަން ޕްލޭން ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވަން ނިންމީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން އެވެ. މި ހުށަހެޅުމަށް ކައުންސިލްގެ މެންބަރުންގެ މެދުގައި ބަހުސްކުރުމަށްފަހު، މައްސަލަ ވަނީ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލަރު ލަބާން ވިދާޅުވީ، މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ހުށަހެޅި ކަމެއް ކަމަށެވެ. އަދި މާލޭގައި މުނިފޫހިފިލުވޭނެ އެކަށީގެންވާ ރަނގަޅު މާހައުލެއް ނެތްކަން ފާހަގަކުރައްވައި، ރަސްފަންނު ސަރަހައްދުގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކެއް ޤާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ރޭމްޕްތައް ހެދުމާއި، ބީޗް ސަރަހައްދުގައި ކުޑަޔާއި ސަންބެޑް ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.
ލަބާން ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ވަސީލަތްތަކެއް ޤާއިމުކުރުމެއް ނޫން ކަމަށާއި، މިއީ މާލޭގެ ރައްޔިތުންނަށް ހައްޤުވާ ފެންވަރު ރަނގަޅު، ޝާމިލް މާހައުލެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އާބަން ޕްލޭން ކޮމިޓީން މި މަޝްރޫޢު ދިރާސާކުރަމުންދާއިރު، ވިލިމާލޭގެ ބީޗް ސަރަހައްދާއި ހުޅުމާލޭގައި ވެސް ރައްޔިތުން އުފާކޮށްލުމަށް މިފަދަ ވަސީލަތްތައް ޤާއިމުކުރުމުގެ ވިސްނުން ގެންގުޅޭކަން ވަނީ ފާހަގަކޮށްފައެވެ.
