މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 04 އޯގަސްޓް 2026


މި އަހަރުގެ މިހާތަނަށް 50,000 އަށްވުރެ ގިނަ ބާ މުސްހަފް ނައްތާލައިފި

މި އަހަރުގެ މިހާތަނަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން 50,952 ބާ މުސްހަފް ނައްތާލައިފި އެވެ.

މިއީ މާލޭގެ މިސްކިތްތަކާއި ގޭބިސީ ތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ބާވެފައިވާ މުސްހަފްތައް ރައްކާތެރިކަމާއެކު ނައްތާލުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ.

ކައުންސިލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖުލައި މަހު އެކަނިވެސް 19,872 ބާ މުސްހަފް ވަނީ ދޫނިދޫގައި ނައްތާލާފައެވެ. އަދި މިހާރުވެސް ނައްތާލުމަށްޓަކައި ޖަމާކޮށްފައިވާ މުސްހަފްތަކުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް ލައްކައަކަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ބާވެ ބޭނުންނުކުރެވޭ ވަރުވެފައިވާ މުސްހަފުތައް ނައްތާލުމަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުރަންޖެހޭ ކަމަކަށްވާތީ، ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދަނީ ދީނީ މިންގަނޑުތަކުގެ މަތިންނެވެ. އެގޮތުން މި ތަކެތި ނައްތާލުމުގެ ކުރިން ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ވަކި ގުދަނެއްގައި ރައްކާތެރިކަމާއެކު ބަލަހައްޓައެވެ.

މާލޭގެ މިސްކިތްތަކާއި ގޭބިސީތަކުގައި ހުންނަ ބާ މުސްހަފުތައް އެއްކޮށް، އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް ކައުންސިލުން ދޭތެރެ ދޭތެރެއިން ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

މިއީ މިސްކިތްތަކުގެ ތަރުތީބު ހިފެހެއްޓުމަށާއި މުސްހަފުތަކަށް ދޭންޖެހޭ ހުރުމަތް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.